ތައާރަފް
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރަކީ މީގެ އަހަރުތަކެއްކުރިން ފަޅުރަށެއްގެގޮތުގައިއޮތް މާސިންގާ ޖަންގަލި ރަށެކެވެ. މިރަށް މީހުންދިރިއުޅޭ ރަށެއްގެގޮތުގައި ހަމަޖެހެން މެދުވެރިވި ސަބަބަކީ މިއަތޮޅުގެ އުނގުލާއި ގާއުނޑޫދޫ އަކީ ލަފާފުރަން އުނދަގޫ ކުޑަކުޑަ ދެރަށް ކަމަށްވެފައި އެދެރަށުގައި މުސްތަޤުބަލެއްނެތަތީވެ، މިދެރަށުގެ ރައްޔިތުން ފާގަތި ދިރިއުޅުމެއް ހޯއްދުމުގެ މަޤުޞަދުގައި އާބާދު ކޮށްފައިވާ ރަށެކެވެ. ހުޅުދުއްފާރަކީ މިހާރު ރ. އަތޮޅުގައިހިމެނޭ ރަށްތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން މެދުފަންތީގެ ރަށެކެވެ.
ހުޅުދުއްފާރު އާބާދުވެ ހުޅުދުއްފާރަކީ މީހުން ދިރިއުޅޭ ރަށެއްގެގޮތުގައި ހަމަޖެހި މިހާރުގެ ހުޅުދުއްފާރު ރައްޔިތުން ކުރިން ދިރިއުޅުނު އުނގުލާއި ގާއުނޑޫދޫ އަކީ ފަޅުދެރަށް ކަމަށް 13 މާރޗް 1995 ގައި ސަރުކާރުން އިޢުލާންކުރެއްވިއެވެ. ހުޅުދުއްފާރު އާބާދުވުމަށްފަހު ރ. އަތޮޅުން ހުޅުދުއްފާރަށް ދެއްވާފައިވާ ނަންބަރަކީ 18 އެވެ.